Tuesday, May 5, 2015

މެތަޑުތައް ބޭނުންކުރުން



އުނގައްނައި ދިނުމުގައި މުދައްރިސުން އުފެއްދުންތެރި މެތަޑުތައް ބޭނުންކުރަން ފަސްޖެހެނީ ކީއްވެ ؟
ޝަހީދާ އާދަމް (2015)

މުދައްރިސް ކުލާހަށް އައިސް ޚާޟިރީ ބަލާލުމަށްފަހު ތަޤްރީރުތައް ދީ އުޅުނު ދުވަސް މާޒީ އާ އެކުވެ ހިނގައްޖެއެވެ. ދަރިވަރެއްގެ ޚިޔާލު އަހައި ލުމެއްނެތި ކުދިން ގުޑިލުމަށް ފުރުޞަތެއްނުދީ ބެއިތިއްބި ދުވަސް ފާއިތުވެ ހިނގައްޖެއެވެ.
އެގޮތްގޮތަކީ އެދުވަސް ވަރަށްނުލާހިކު ކަމުދިޔަ ގޮތްތަކެއް ކަމުގައި ވިޔަސް މިހާރު އެފަދަ ގޮތްތަކަށް ކިޔަވައިދޭން  މަސައްކަތް ކުރާނަމަ ކުދިން މުދައްރިސު ބަލައެއް ނުގަންނާނެއެވެ. އަދި އެފަދަ ގޮތަކަށް ކިޔަވައިދޭ މުދައްރިސުން ކިޔަވައިދޭ މާއްދާ އާމެދު ފޫހިވެ އާޚިރުގައި އެމާއްދާއާއި ފެޔަށް ޖެހޭތަން އަންނާނެއެވެ. މިގޮތަށް މިކަން  ނުވާނީ ފިލާވަޅުގައި   ވީ އެންމެ ގިނައެއްކޮށް  ކުދިން ބައިވެރި ކޮށްގެންނެވެ.

ކިޔަވައިދިނުމުގައި ފަހުގެ އުފެއްދުނަތެރި މެތަޑުތަކުގެ ބޭނުން ކުރުމުން ދަރިވަރަށް ލިބިގެންދާ ފައިދާ ކިތައްމެ ބޮޑުނަމަވެސް ނިސްބަތުން މިމެތަޑުތައް ބޭނުންކުރާ ޓީޗަރުން މަދުކަމަށް ދިރާސާ ތަކުން ދައްކައެވެ. މިކަމުގެ ވަރަށްގިނަ ސަބަބުތަކެއް އެބަހުއްޓެވެ.މިކަމުގެ އެންމެ މުހިއްމު އެއްސަބަބަކީ ގިނަމުދައްރިސުން މިމެތަޑު ތަކަށް އަހުލު ވެރި ވެފައި ނެތުމެވެ.  ދިރާސާ ތަކުން ހާމަވާ ގޮތުގައި ނިސްބަތުން މަދުޓީޗަރަކަށް މެނުވީ މިމެތަޑުތައް ކުލާސްރޫމުގައި ބޭނުން ކުރުމުގެ ތަމްރީނު ލިބިފައި ނެތުމެވެ.  އަދި ތަމުރީނު ލިބިފައިވާ ޓީޗަރުންގެ ތެރެއިންވެސް މަދު ޓީޗަރަކަށް މެނުވީ މިތަމުރިނުތައް ފުރިހަމަ ކޮށްފައެއް ނުވެއެވެ.
އަދި ހަމައެއާއެކު ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމު ތަކުގައި ލެކުޗަރ މެތަޑަށް ކިޔަވައިދޭތީ  އުފެއްދުން ތެރި މެތަޑުތައް  ބޭނުން ކުރުމަށް ދަތިވާކަމަށް ދިރާސާ ތަކުން ހާމަވެއެވެ. އަދި އެކިޓީޗަރުން އެކި މެތަޑުތައް ބޭނުންކުރާތީ ދަރިވަރުންނަށް އުނގެނުމަށް އުނދަގު ތަކެއް ހުންނާނެކަމަށް ފާނހަގަ ކުރެވޭތީވެސް  މުދައްރިސް މި މެތަޑުތައް ބޭނުން ކުރުމުން ދުރުހެލިވެއެވެ.
ޓިޗަރުންނަށް ފެންވަރު ވަޒަން ކުރުމުގެ ފަހުގެ މެތަޑުތަކަށް އަހުލު ވެރި ވެފައި ނެތުމުގެ  ސަބަބުން ވެސް އުފެއްދުން ތެރި މެތަޑުތައް ބޭނުން ކުރުމަށް    ފަސްޖެހެއެވ. ޖޯންސަން އެންޑް ޖޯންސަން ( 1987 ) ހާމަކުރައްވާ ގޮތުގައި ގްރޫޕު މަސައްކަތް ކުރާއިރު ވަކި ވަކި ކުދިންގެ ފެންވަރު ވަޒަން ކުރުމާއި ، ވަކި ވަކި ކުދިންނަށް ތަރުހީބު ދިނުމަށް ދަތިވާތި ޓީޗަރުންއު އުފެއްދުން ތެރި   މެތަޑުތައް ބޭނުން ކުރަން ފަސް ޖެހެއެވެ.
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                     
ގްރޫޕެސއްގައި 4 ނުވަތަ 5 ކުދިން ތިބޭއިރު ވަކިވަކި ކުދިންގެ މަސައްކަތް ވަޒަންކުރުމަކީ ގިނަޓީޗަރުންނަށް އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. އަދި މިމެތަޑުތައް ކްލާސްރޫމުގައި ބޭނުންކުރަމުން ދާއިރު ދަރިވަރުންނެކޭ އެއްފަދައިން ޓީޗަރުންވެސް އެމިންވަރަށް ޙަރަކާތްތެރި ނުވާނަމަ ކުރިންމިދެންނެވި ގޮތަށް ވަކިވަކި ކުދިންގެ ފެންވަރު ވަޒަންކުރުމަކީ ގިނަޓީޗަރުންނަށް ކުރެވޭ ވަރުގެ ކަމަކަށް ނުވެއެވެ. މިސަބަބަށް ޓަކައިވެސް އުފެއްދުންތެރި މެތަޑުތައް ބޭނުން ކުރުމަށް ޓީޗަރުން ފަސްޖެހޭ ތަން އާދެއެވެ.
މިފަދަމެތަޑުތަކަކީ ކުދިން ޙަރަކާތްތެރި ކަމާއެކު ބައިވެރިވާ މެތަޑު ތަކަކަށް ވާތީ އެފަދަ ވަގުތު ތަކުގައި ކްލާސްރޫމުގައި އަޑުގަދަވާ ތަން އާދެއެވެ. އެހެން ކަމުން ޓީޗަރާމެދު ސްޕަވައިޒަރު ހީކޮށްފާނެ ،ހީއަކަށް ޓަކައިވެސް މިމެތަޑުތައް ބޭނުންކުރަން ބޭނުންކުރަން ޓީޗަރުން ފަސްޖެހޭކަން ދިރާސާ ތަކުން ހާމަވެއެވެ. ފޮރެސްޓް ( 1996 ) މިބުނުމާ އެއްބަސްވެލައްވައެވެ. މިގޮތަށް ވާން ދިމާވާ މައިގަނޑު ސަބަބަކީ ޓީޗަރުންނަށް މިމެތަޑު ތަކާ ބެހޭ އެންމެ އެކަށީގެންވާ މަޢުލޫމާތު ލިބިފައި ނެތުމެވެ. މިސާލަކަށް ކްލާސްރޫމުގައި ގްރޫޕު މަސައްކަތް ކުރާއިރު ކުދިން ގްރޫޕު ކުރަންޖެހޭ ގޮތާއި ކުދިންގެ ދައުރުތަކާއި ޓީޗަރުންގެ ދައުރާއި މިކަންކަން ރަނގަޅަށް އެނގިފައި ނެތި މިމެތަޑުތައް ބޭނުން ކުރުމުން އިތުރު މައްސަލަ ދިމާވެ ކްލާސް ކޮންޓްރޯލް ކުރަން ދަތިވެއެވެ. މިސަބަބު ތަކަށް ޓަކައިވެސް ޓީޗްރުން އުފެއްދުންތެރި މެތަޑުތައް ބޭނުން ކުރުމުން ފަސްޖެހެއެވެ.
ބައެއްދަރިވަރުން މިމެތަޑުތަކާ ގަޔާނުވާތީވެސް ޓީޗަރުން ފަސްޖެހޭކަމަށް ދިރާސާތަކުން ދައްކައެވެ. އެކިކުދިން ދަސްކުރާނީ އެކިގޮތަށެވެ. ބައެއްކުދިން އަޑުއަހައިގެނެވެ. އަނެއްބައި ކުދިން ކިޔައިގެނެވެ. އަނެއްބައި ކުދިން ލިޔެގެނެވެ. އަދި އަނެއްބައި ކުދިން ޢަމަލީ ގޮތުން ކޮށްގެނެވެ. ބައެއްކުދިންނަކީ މާބޮޑަށް ކުދިންނާ ބައިވެރިވެގެން މަސައްކަތް ކުރަން ބޭނުންވާ ކުދިންނެއް ނޫނެވެ. އެކަނިހުރެ ކިޔަވަން ބޭނުންވާ ކުދިންވެސް ތިބެއެވެ. މިފަދަ ކުދިންނަށް ރަނގަޅީ ލެކްޗަރ މެތަޑެވެ. އެއްގޮތަކަށްވެސް ކަންކަން އެހެންކުދިންނާ ހިއްސާ ކުރަންބޭނުންނުވާ ދަރިވަރުންވެސް ތިބެއެވެ. މިފަދަ ކުދިންނަށް މިމެތަޑު އެއްގޮތަކަށްވެސް ކަމަކު ނުދެއެއވެ. އެހެންކަމުން މިފަދަ ސަބަބު ތަކަށްޓަކައިވެސް މުދައްރިސުން އުފެއްދުންތެރި  މެތަޑުތައް ބޭނުން ކުރަން ފަސްޖެހެއެވެ.
ހަމައެއާއިއެކު ގިނަޓީޗަރުންނަށް ކްލަސް މެނޭޖު ނުކުރެވޭތީވެސް މިމެތަޑުތައް ބޭނުން ކުރުމަށް ފަސްޖެހެއެވެ. މިހެން ވާން ދިމާވަނީ ގްރޫޕެއްގައި މަސައްކަތް ކުރާއިރު ކުދިންނަށް ރޯލުތައް ބާހާނުލެވި ، ރަނގަޅަށް ކުދިންނަށް އޮޅުންފިލުވައި ނުދީ ފިލާވަޅު ފެށުމުން ޓީޗަރުންނަށް އިތުރު ގޮންޖެހުން ތަކަކާ ކުރިމަތިލަން ޖެހެއެވެ. އަދި ހަމައެއާއެކު މިމެތަޑުތައް ގެންދެވޭނެ ދަނޑިވަޅުތަކާ ޙާލަތްތައް ޓީޗަރުންނަށް ނުއެނގި މިމެތަޑުތައް ބޭނުންކުރުމުން  ދިމާވާ އިތުރުދަތި ތަކެއް ހުރިކަން ފާހަނގަ ކުރެއެވެ.
ކަންމިހެން ހުރުމާއެކު ޓީޗަރުން އުފެއްދުންތެރި މެތަޑުތައް ބޭނުންކުރަން ފަސްޖެހެނީ ތަފާތު ސަބަބުތަކަކަށް ޓަކައެވެ. ތަމްރީނު ލިބިފައި ނެތުމާއި ، ދަރިވަރުން މިމެތަޑުތައް ހޭނިފައި ނެތުމާއި އަދި މިމެތަޑުތައް ބޭނުންކުރާއިރު ދަރިވަރުންގެ ފެންވަރު ވަޒަންކުރަން ދަތިވާތީ ޓީޗަރުން އުފެއްދުންތެރި މެތަޑު ބޭނުންކުރަން ފަސްޖެހޭކަމަށް ދިރާސާތަކުން ވަނީ ހާމަވެފައެވެ.

No comments:

Post a Comment